މިއަދު ހެނދުނު އަލިފާނުގެ ހާދިސާ ހިނގި ވިނަރެސް ފްލެޓުގައި ދިރިއުޅުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭ އިން ހަމަޖައްސައިދީފި އެވެ.
އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ ވިނަރެސް ފްލެޓް 9B-13-06 އެޕާޓްމަންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިފައި ވާތީ، އެ އޮތޯރިޓީން މިހާރު އެކަން ބަލަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި ދިރިނޫޅެވޭ ވަރަށް އެ އެޕާޓްމަންޓަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެހެންވެ, އެ އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދިދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށް އެންޑިއެމްއޭ އިން ބުންޏެވެ.
މިއަދު ހެނދުނު 7:41 ހާއިރު އެ އެޕާޓްމަންޓުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުމާއެކު ސިފައިންގެ ފަޔަ އެންޑް ރެސްކިއު އިން ވަނީ އެ އަލިފާންގަނޑު ނިއްވާލައިފަ އެވެ.