މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅާއެކު ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގޮއިދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގޮއިދޫ ޕޮލިސް ޕޯސްޓުން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ފަތިސް، ޔާމީން ފައިސަލް، 34 އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.