މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުންކުރަމުންދާ މީހުން ހޯދުމަށް ނައިފަރުގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ އެ ރަށު ސައިލުގެ، އާދަމް އަބްދުއްރައްޒާގު، 25 އެވެ.

އޭނާ ހައްޔަރުކުރީ ނައިފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ނައިފަރުގެ މަގެއް މަތިން އޭނާ ހުއްޓުވައި ބަލައި ފާސްކޮށް އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 6.1 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.