އަނަސް މަރު: ދައުވާ ލިބޭ މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 23 ޖޫން 2025 10:26
އަނަސް މަރާލި މައްސަލައިގައި ދައުވާލިބޭ މީހުން ބަންދުނުކުރި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތުގެ ތެރެއިން ދައުވާލިބޭ މީހުން/ ފޮޓޯ: ޕޮލިސް
އަނަސް މަރާލި މައްސަލައިގައި ދައުވާލިބޭ މީހުން ބަންދުނުކުރި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތުގެ ތެރެއިން ދައުވާލިބޭ މީހުން/ ފޮޓޯ: ޕޮލިސް
ޚުލާސާ

މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި.

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ހަތް މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ބާތިލްކޮށް، އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. މި މަރުގެ މައްސަލައަކީ މުޖުތަމައުގެ ސަމާލުކަން ބޮޑަށް ލިބުނު މައްސަލައެކެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ހައިކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހި ދައުލަތުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ދެ ހަފްތާ ކުރިންނެވެ.

މި މައްސަލައިގައި ދައުލަތުން ކޯޓުގައި ދައުވާ އުފުލި ހަތް މީހުންނަކީ:

  1. ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ
  2. ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް
  3. ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް
  4. ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ
  5. މ. ދިމިޝްގު އުސްމާން ޝަރީފް
  6. ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާން
  7. މ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގު

މި މައްސަލައިގައި އެ މީހުން ބަންދު ކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރީ، ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުމުންނެވެ. މި މައްސަލައިގައި މިދިޔަ އަހަރުގެ ފެބްރުއަރީގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މީހުން ބަންދުކޮށްދޭން އެދުނު ނަމަވެސް ހައިކޯޓުން އެ އަމުރު ނެރެނުދިނެވެ. އެކަމާ ގުޅިގެން ދެ ފަހަރު މަތިން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުނެވެ.

މި މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވެފައިވަނީ އެއް ކުއްޖެއްގެ މައްޗަށް އެކަނިއެވެ. އެއީ މަރު ހިނގިއިރު 17 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަށް ހައިކޯޓުން އިއްވި 18 އަހަރުގެ ޖަލު ހުކުމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ލުއިކޮށްދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%