އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް އެމެރިކާއިން ރޭ ދަންވަރު ނިރުބަވެރި ޙަމަލާތަކެއް ދިނުމާއި ގުޅިގެން، ޔަހޫދީންގެ ރަށްތަކަށް އީރާނުން ވަރަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގައި ޔަހޫދީންގެ ވެރިރަށް ތެލް އަވީވާއި ޤުދުސްގެ އިތުރުން ޙައިފާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕްގެ ޢަމުރަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާންގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ބާރުގަދަ ބޮންތައް ބޭނުންކޮށްގެން ޙަމަލާ ދީފައެވެ. އެއީ، އީރާންގެ އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ޤާއިމްކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކެވެ.
ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ މި ޢަމަލާ ގުޅިގެން، އީރާނުން ވަނީ ވަގުތުން ރައްދު ޙަމަލާ ދޭން ފަށާފައެވެ.
އީރާނުން ދިން އެންމެ ފަހުގެ މިސައިލް ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވާއި، ޤުދުސް (ޖެރޫސަލަމް) އަދި ޙައިފާގެ މުހިންމު ސަރަޙައްދުތަކަށެވެ. ޔަހޫދީންނަށް ލިބުނު ގެއްލުންތައް ބޭރުގެ ނޫސްވެރިންނަށް ފެންނަ ގޮތަށް ގެނެސްދިނުމަށް ބޮޑެތި ހުރަސްތަކެއް އެޅި ނަމަވެސް، އީރާނުގެ މިސައިލް ޙަމަލާތަކުގައި ޔަހޫދީންގެ ރަށްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ވަނީ ޢާންމުވެފައެވެ.
އެގޮތުން، ވެރިރަށް ތެލް އަވީވުގެ ބޮޑެތި ސަރަޙައްދުތައް އެއްކޮށް ސުންނާފަތިވެފައިވާ މަންޒަރުތައް ވަނީ ޢާންމުވެފައެވެ.
އީރާނުން ދިން ބައެއް ޙަމަލާތައް ވަނީ ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމުގެ ދިރާސާތައް ކުރާ ޔަހޫދީންގެ މައި މަރުކަޒަށް ވެސް ޢަމާޒުވެފައެވެ. އެ ޙަމަލާތަކުގައި އެ މަރުކަޒުގެ އިމާރާތް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. ބިމާއި ހަމަވި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަމުންދާ ހިތާމަވެރި މަންޒަރުތައް ވެސް ވަނީ ފެންނަން ފަށާފައެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ހަކަތަ އުފައްދާ ތަންތަނަށް ޙަމަލާ ދިނުމާއި ގުޅިގެން އީރާނުން މިއަދު އިސްރާއީލުގެ ރަށްތަކަށް ދިން ވަރުގަދަ ޙަމަލާގައި ޢިމާރާތްތައް ފުނޑުފުނޑުވެ، އެތަންތަނުގެ ދަށުން މީހުން ސަލާމަތްކުރަނީ.
އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔަހޫދީންނަށް ޢަމާޒުކޮށް ޙަމަލާ ދީފައި ވަނީ އެންމެ ބާރުގަދަ އަދި ޒަމާނީ ޚައިބަރު ޝީކަން މަރުކައިގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކަމަށެވެ. މިއީ އެ ފައުޖުން މި މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރެވެ. ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޔަހޫދީންގެ އެކި މަޤާމުތަކަށް ޢަމާޒުކޮށް 40 މިސައިލް ފޮނުވާލާފައި ވާނެ ކަމަށެވެ.
އީރާނުން އެންމެ ފަހުން ދިން ޙަމަލާތަކުގައި 20އަށްވުރެ ގިނަ ޔަހޫދީން ޒަޚަމުވެފައި ވާއިރު، ޖޫން 13 ވަނަ ދުވަހު ބަދަލުކުރަން ފެށި ޙަމަލާތަކުގައި ޔަހޫދީންގެ 1,300އަށްވުރެ ގިނަ މީހުން ޒަޚަމުވެ 24 މީހުން ވަނީ މަރުވެފައެވެ. އަނެއްކޮޅުން، ޔަހޫދީންގެ ޙަމަލާތަކުގައި އީރާނުގެ 700އަށްވުރެ ގިނަ މީހުން ޝަހީދުވެ، 1,300އަށްވުރެ ގިނަ މީހުން ޒަޚަމުވެފައި ވެއެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ހަކަތަ އުފައްދާ ތަންތަނަށް ޙަމަލާ ދިނުމާއި ގުޅިގެން އީރާނުން މިއަދު އިސްރާއީލުގެ ރަށްތަކަށް ދިން ވަރުގަދަ ޙަމަލާގައި ޢިމާރާތްތައް ފުނޑުފުނޑުވެ، އެތަންތަނުގެ ދަށުން މީހުން ސަލާމަތްކުރަނީ.
އެމެރިކާއިން އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމާ އެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޮވެ، އެމެރިކާއިން އދ.ގެ ޗާޓަރާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ. އަދި، އީރާނުން ސުލްޙަވެރިކަމާ އެކު މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައި ވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ މުޢާހަދާއާ ޚިލާފަށް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.