މަކަރާ ހީލަތުގެ އެކި މައްސަލަތަކުގެ ތުހުމަތުކުރެވިފައިވާ ޒައިދާން މުހައްމަދު ހާޝިމް އާއި އޭނާގެ އަންހެނުން، ވިޔަފާރިކުރުމަށް ފަހު ސައްހަ ނޫން ސްލިޕް ފޮނުވައިގެން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން، 28 އާއި ބަންގުލަދޭޝް އަންހެނެއް ކަމަށްވާ އަފްރިން އަކްތަރު، 30 އެވެ. އެނގިފައިވާ ގޮތުގައި، އެއީ ޒައިދާންގެ އަންހެނުންނެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން އެ ދެމީހުން މުދާ ގަނެފައިވާ މައްސަލަ ރިޕޯޓްކުރީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާ ކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށާއި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާއި ގުޅުންހުރި މި ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467ރ. ގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން ހޯދާފައިވާ ކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31150ރ. ގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5817ރ. ގެ ތަކެތި ހޯދާފައިވާކަން އެނގިފައިވާ ކަމަށެވެ.
ޒައިދާންގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް އަދި އޭނާގެ އަންހެނުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ޒައިދާން މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާ ކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް މިހާރު ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް ވެސް މިހާރު ކުރިއަށް ގެންދެ އެވެ.