މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމާއި އަދަދު ނޫހުން ވާދަކުރެއްވި ލީވާން އަލީ ނަސީރެވެ. އަދި އާންމު މެންބަރުގެ މަގާމަށް ހޮވިވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރެއްވި ލ. ގަން، ތުނޑި ލިންކު، ހައްވާ ވަޖުދާއެވެ.
މިއިންތިހާބުގައި ނޫސްވެރިންގެ ދެ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މުޒައްޔިން އަށް 50 ވޯޓު ލިބުނުއިރު، ލީވާން އަށް 48 ވޯޓު ލިބިގެން ކާމިޔާބު ކުރެއްވިއެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ.
އާންމުން ތަމްސީލުކުރާ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، ލ. ގަން، ތުނޑި ލިންކް، ހައްވާ ވަޖުދާއަށް 38 ވޯޓު ލިބިގެން ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެ ގޮނޑިއަށް އެންމެ ކައިރިން ވާދަކުރި ހދ. ވައިކަރަދޫ، ލިލަކް، ނަހްދާ އާދަމް އަށް ލިބުނީ 12 ވޯޓެވެ.
މީޑިއާ ކައުންސިލްގެ މި ގޮނޑިތައް ހުސްވީ މިދިޔަ ޑިސެމްބަރު މަހު އަލަށް އިންތިހާބުކުރި މެންބަރުންގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. މިއަދު ވޯޓުލުން ކުރިއަށް ގެންދިޔައީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވޯޓުލާ ދުވަސް ބަދަލުކުރުމަށްފަހު، އަދި ކެންޑިޑޭޓުންނަށް ކުރިމަތިލާން އަލުން ފުރުސަތު ވެސް ދިނުމަށްފަހުގައެވެ.