ރާއްޖޭގެ ބައެއް އާސާރީ ބިނާތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ތާރީހީ ބައެއް ބިނާތައް ސާފުކޮށް ބެލެހެއްޓުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމަލީ އެހީތެރިކަންދިނުމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ވެމްކޯއާ އެކު އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކާ ވެމްކޯގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޔާނިއު ހާޝިމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން، ވެމްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ފަސޭހައިން ވާސިލުވެވޭ ގޮތަށް ހުރި އާސާރީ ތަންތަނުގެ ސާފުތާހިރުކަން އެ ކުންފުނިން ބަލަހައްޓާނެ ކަމަށެވެ.
މިފަދަ ތަރިކައިގެ ބައެއް ބިނާތައް ކޮންމެ ތިންމަހަކުން އެއްމަހު ވެމްކޯގެ ފަރާތުން ބަލައި ވެކިއުމްކޮށް، ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ހިދުމަތްތައް ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.