އިސްރާއީލުން އީރާނަށް އިސްވެ ޙަމަލާ ދިނުމާއި ގުޅިގެން އީރާނުން މިދިޔަ އާދިއްތަ ދުވަހު ޔަހޫދީންގެ ސައެންސާއިބެހޭ މަރުކަޒަށް ދިން ނުތައްކާތެރި ވައިގެ ޙަމަލާއާއި ގުޅިގެން އެތަން ހަލާކުވެ، އެތަނުގައިވާ އެތައް އަހަރެއްގެ ދިރާސާތައް ގެއްލި ނަތަންޔާހޫ އާއި ޔަހޫދީ ސައެންސްވެރިންނާއި މުޅި ޔަހޫދީ ދައުލަތް ކަންބޮޑުވެއްޖެއެވެ.
ޔަހޫދީންގެ ދިރާސާތައް ރައްކާކޮށްފައިވާ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސަށް އީރާނުން ޙަމަލާ ދިން ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ތަނަކީ ގިނަ ޢަދަދެއްގެ ލެބޯޓަރީތަކެއް ހުރި ބޮޑު އިމާރާތެކެވެ. އީރާނުން އެ މަރުކަޒަށް މިސައިލް ޙަމަލާއެއް ދީފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ސަރަޙައްދުގައި ހުރި ގިނަ އިމާރާތްތަކަކަށް މި ޙަމަލާގައި ގެއްލުން ލިބިފައިވާއިރު، އެ މަރުކަޒުގައި މަސައްކަތް ކުރާ ސައިންސުވެރިން ވަނީ އެ މީހުންގެ މަސައްކަތް ސަލާމަތް ކުރުމަށް ރޯވެ އަނދައަނދާހުރި އިމާރާތުގެ ތެރެއަށް ވަދެފައެވެ.
މި ޙަމަލާ ދީފައި ވަނީ އިމާރާތް ހުސްކޮށް ހުރި ގަޑިއެއްގައި ކަމުން، އެއްވެސް މީހަކަށް ޙަމަލާގައި ޖިސްމާނީ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ އެ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ލިބިފައިވާ ގެއްލުންތައް ބަލައިލައްވާފައެވެ. އެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ނަތަންޔާހޫއަށް ވެސް ހުރީ ފެންނަ ފެެނުމަށް ސިހުން ލިބިފައެވެ. އެ ޙަމަލާގެ ސަބަބުން 500 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ޔަހޫދީ ދައުލަތަށް ވަނީ ލިބިފައެވެ.
ޔަހޫދީން، އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި އާންމުން ޝަހީދުވި ޙަމަލާއަށް ފަހު، އެ ޤައުމުން ވަނީ ޔަހޫދީންނާ ދެކޮޅަށް "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. އެ ޙަރަކާތުގެ ދަށުން މިހާތަނަށް 18 މިސައިލް ޙަމަލާ އެ ޤައުމުން ވަނީ ދީފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ޔަހޫދީ ދައުލަތުގެ މެދުތެރޭ ސަރަޙައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި ބެން ގުރިއޮން ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވެސް ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ޝާހެދު-136 ޑްރޯންގެ އިތުރުން މިސައިލް ބޭނުން ކޮށްފައިވެއެވެ. އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންގެ ކުރިއަރާފައިވާ ވައިގެ ދިފާޢީ ނިޒާމުތަކަށް އެ ޙަމަލާތައް ހުއްޓުވިފައި ނުވާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވެސް ވަނީ އީރާނާށް ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން އިރާނުގެ އެންމެ ބޮޑު ނިއުކްލިޔަރ ދިރާސާ މަރުކަޒު ކަމުގައިވާ އިސްފަހާން ނިއުކްލިޔަރ ޓެކްނޮލޮޖީ ސެންޓަރު ހުންނަ އިސްފަހާންއަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. ޔަހޫދީން ވަނީ އީރާނުގެ އިންޤިލާބީ ފައުޖުގެ ޔޫއޭވީ ޔުނިޓާ މި ވަގުތު ޙަވާލުވެ ހުންނެވި ކޮމާންޑަރު، އަމީން ޕޫރު ޖޮދްކީ ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް ބުނެފައެވެ. އޭނާގެ ކުރިން އެ ޔުނިޓުގެ ކޮމާންޑަރުގެ ގޮތުގައި ހުންނެވި ތަޙާރު ފޫރު ވެސް ޔަހޫދީން ވަނީ ޖޫން 13 ގައި ދިން ޙަމަލާގައި ޝަހީދު ކޮށްލައިފައެވެ.









