ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ސިޔާސީ ގޮތުން ވެސް ނަގަން ނުވާނެ ވަރުގެ މުހިންމު މައްސަލައެކެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިއެރުން %7 ގައި ހުރި އިރު، ފާއިތުވި 5 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 20 އިން 25 އަށް ވުރެ ގިނަ ކެޑޭޓް ޕައިލެޓުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިފައިވަނީ ހަމައެކަނި މޯލްޑިވިއަން އަދި ޓީއެމްއޭ ފަދަ މަދު އެއަރލައިންތަކަކުންނެވެ.
ވަޒީރު ވިދާޅުވީ އެއްވެސް އެއަރލައިނެއް ހަމައެކަނި ކެޑޭޓް ޕައިލެޓުން ލައިގެން އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ. އަދި ނިމިދިޔަ 5 އަހަރު ތެރޭގައި 500 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕައިލެޓް ޓްރެއިނިންގއަށް ސްކޮލަރޝިޕް ދީފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޤައުމަށް ބޭނުންވާ ވަރަށްވުރެ އިތުރު ޢަދަދެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި ކެޑޭޓް ޕައިލެޓުންގެ ވަޒީފާ ބިދޭސީންނަށް ނުދެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު އޮތް މިންގަނޑަށްވުރެ އިތުރަށް ކުދިން ނެގުމަށް އޮޕަރޭޓަރުންނަށް އަންގާފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
"މިވަގުތު އިތުރު ޕައިލެޓް ޓްރެއިނިންގއަށް ފުރުޞަތުތައް ހުޅުވާނެކަމަކަށް ޤަބޫލެއް ނުކުރަން. އެހެންނަމަވެސް، ކުރިން ފުރުޞަތު ލިބިފައިވާ ދަރިވަރުންނަށް އެއްވެސް ހުރަހެއް ނާޅާނަން." ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމަށާއި، ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.