އަންނަ އޮކްޓޯބަރު މަހު ޅ. އަތޮޅުގައި އާ ރިސޯޓެެއް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
އެއީ ޅ. އަތޮޅުގެ އުތުރު ބިތުގައި އޮންނަ ފަޅުރަށެއްގައި ތަރައްގީކުރާ މެއްޔަފުށި މޯލްޑިވްސް ރިސޯޓެވެ. އެއީ ފަސްތަރީގެ ޕްރީމިއަމް އޯލް-އިންކްލޫސިވް ރިސޯޓެކެވެ.
އެ ރިސޯޓަކީ ހަމަ އެ އަތޮޅުގައި ހިންގަމުން އަންނަ ފުށިފަރު މޯލްޑިވްސް ރިސޯޓު ވެސް ހިންގާ ބީކައިންޑް ހޮސްޕިޓާލިޓީން ތަރައްގީކުރާ ރިސޯޓެކެވެ.
އެ ރިސޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ބީކައިންޑް އިން ބުނީ އަމާޒަކީ އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެ ރިސޯޓް ހުޅުވައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ފެށުން ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި އެ ރިސޯޓަށް 35 މިނެޓުން ދެވޭނެ އެވެ.
މެއްޔަފުށި މޯލްޑިވްސްގައި 95 ވިލާ/ސުއިޓް ހުރެ އެވެ. އެ ވިލާއެއް ތަރައްގީކޮށްފައި ވަނީ އިންޑޯ-އައުޓްޑޯ ލިވިން ކޮންސެޕްޓަކަށެވެ. އޭގެ ތެރޭގައި ހަތަރު ކޮޓަރީގެ ރެޒިޑެންޝަލް އޯވަވޯޓާ ސުއިޓްތައް ވެސް ހިމެނެ އެވެ.
މި ސަރުކާރުން މިހާތަނަށް 13 ތަނެއް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރުމަށް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިދިޔަ އެޕްރީލް މަހު ވިދާޅުވެފައިވެ އެވެ.
ތޯރިގް ވިދާޅުވީ އަމާޒަކީ މި އަހަރު 1،290 އާ އެނދު މާކެޓަށް ނެރުން ކަމަށެވެ. އަދި އެކަން ހާސިލުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.