ސިޔާސީ ހަރަކާތްތަކަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުންދޭނެ

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 19 ޖޫން 2025 00:44
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަރީޝް.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަރީޝް.
ޚުލާސާ

ފައްޔާޒްގެ ޝަކުވާތަކަށް ރައްދު ދެއްވަމުން، ސިޔާސީ ހަރަކާތްތަކަށް މާލެ ސިޓީ ކައުންސިލުން ހުރަސް ނާޅާނެ ކަމަށް ޑެޕިއުޓީ މޭޔަރ އަރީޝް ވިދާޅުވެއްޖެ.

މާލެ ސިޓީ ކައުންސިލުން ސިޔާސީ އެއްވެސް ޕާޓީއެއްގެ އަދި އިދިކޮޅު ޕާޓީއެއްގެ އެއްވެސް އިވެންޓެއް ބާއްވަން ދެކޮޅު ނުހަދާނެ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ. މިކަން އަރީޝް ހާމަކުރެއްވީ މިއަދު އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑެޕިއުޓީ މޭޔަރު އަރީޝް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ހަރަކާތްތަކަށް ތަން ނުލިބޭ ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ފައްޔާޒް ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކޮށް ހަފްލާއެއް ބޭއްވުމަށާއި، އަދި އެޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް މި ސަރުކާރުން ހުރަސް އަޅަމުންދާތީ މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާ ކަމަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ މުލީއާގޭ ކަންމަތީގައި ޖަލްސާ ބާއްވާނެ ކަމުގެ އިންޒާރު ފައްޔާޒް ވަނީ ދެއްވާފައެވެ.

މިކަމަށް ރައްދު ދެއްވަމުން އަރީޝްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މާލެއިން ސިޔާސީ އެއްވުންތައް ބޭއްވުމަށް އަބަދުވެސް މަރުޙަބާ ކިޔާ ދެ ތަނަކީ އާޓިފިޝަލް ބީޗް އަދި ކާނިވާ ސަރަޙައްދެވެ. މި ދެ ސަރަޙައްދުގައި މީގެ ކުރިންވެސް ގިނަ އަދަދެއްގެ ސިޔާސީ އިވެންޓްތައް ބާއްވާފައިވާ ކަމަށާއި، މިހާރުވެސް އެފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އަރީޝް ވިދާޅުވިއެވެ.

"މިއަދު އެއްވެސް ތަނެއް ނުލިބުނޭ ކިޔާފައި މި ދައްކާ ވާހަކަ އަޅުގަނޑުމެން ކުށްވެރި ކުރަމެވެ،" އަރީޝް ވިދާޅުވިއެވެ. މި ވާހަކަފުޅުން ދޭހަވަނީ، ސިޔާސީ ހަރަކާތްތަކަށް ތަން ނުލިބޭ ކަމަށް ބުނެ ބަޔަކު ދައްކަމުންދާ ވާހަކަތަކަށް މާލެ ސިޓީ ކައުންސިލުން ތާއީދެއް ނުކުރާ ކަމެވެ.

ޑެޕިއުޓީ މޭޔަރ އިތުރަށް ވިދާޅުވީ، ޕީ.އެން.ސީ. ކައުންސިލަކުން އަދި މި ސަރުކާރުން އެއްވެސް ސިޔާސީ އިވެންޓެއް ނުހުއްޓުވާނެ ކަމަށެވެ. މި ސަރުކާރުން ސިޔާސީ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%