ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4,000 ފްލެޓުގެ މަސައްކަތް، އެ މަސައްކަތް ކުރާ ސައިޓަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 4،000 ފްލެޓުގެ މަސައްކަތްތައް ރައީސް މުއިއްޒު މިއަދު އެ ސަރަހައްދަށް ވަޑައިގެން ބެއްލެވި ކަމަށެވެ. އަދި އެ މަސައްކަތުގެ އިތުރު ތަފުސީލު ވެސް ރައީސާއި ހިއްސާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓު ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ.
ނަމަވެސް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފަހުން ވިދާޅުވެފައި ވަނީ ފައިނަލް ލިސްޓުގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ދެން ނުނެރޭނެ ކަމަށެވެ.
އެކަމަކު، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.