ބޮޑުތަކުރުފާނުމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހިތިގަސް މަގު ކަންމަތިން ފެށިގެން މެހެލި ގޯޅިއާ ހަމައަށް، ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވާޢިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ބުނީ ޕާކު ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ޓޯކުރެވޭ އުޅަނދު ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުންޏެވެ.
އުޅަނދުތައް ޕާކު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.