ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނާއި ދެކޮޅަށް ދެމުންދާ ޙަމަލާތައް ކުރިއަށް ގެންދިޔުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރު ދެއްވައިފިއެވެ.
ނަތަންޔާހޫގެ އަމަލުތައް މުޅި ދުނިޔެއިން ކުށްވެރި ކުރަމުންދާ ދަނޑިވަޅެއްގައި ވައިޓް ހައުސްގެ ބޭރުގައި ތިބި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށެވެ.
ޖޫން 13 އިން ފެށިގެން ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހުރަސްއެޅުމުގެ ގޮތުން އެ ޤައުމަށް ޙަމަލާތައް އަމާޒުކޮށްފައެވެ. މި ޙަމަލާތަކުގައި އީރާނުގެ ގިނަ އަސްކަރީ ކޮމާންޑަރުންނާއި، ސައިންޓިސްޓުންނާއި އާންމު ރައްޔިތުން ޝަހީދުވެފައިވެއެވެ. މިކަމުގެ ބަދަލުގައި އީރާނުން ވެސް ވަނީ ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާތައް ދޭން ފަށާފައެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވެފައިވަނީ ޓްރަމްޕްގެ ކޮންމެ ނިންމުމަކަށް އިޖާބަދީ ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ ތައްޔާރަށް އޮތް ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މަތިންދާބޯޓުތަކަށް ތެޔޮ އަޅާ ޓޭންކަރުތައް ވިލާތުގެ ޤައުމުތަކަށް ފޮނުވާފައެވެ. އަދި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މިހާރު ވަނީ މެދުއިރުމައްޗަށް ގޮސްފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ ޙަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. އީރާނުގެ ދިފާޢީ ވުޒާރާއާއި، ތެހްރާންގެ ފުލުހުންގެ އިދާރާއާއި، ރެޑް ކްރެސެންޓު އިދާރާއަށް ވެސް ވަނީ ޙަމަލާ ދީފައިވެއެވެ. މީގެ އިތުރުން ކަރަޖުގެ ޕަޔަމް ވައިގެ ބަނދަރަށާއި ޒަންޖަނަށްވެސް ޙަމަލާ ދީފައިވެއެވެ. ޖުމްލަ 40 އަމާޒަކަށް ޙަމަލާ ދީފައިވާ ކަމަށް ޔަހޫދީން ބުނެފައިވެއެވެ. އީރާނުން ވެސް ވަނީ ޔަހޫދީންނަށް އަމާޒުކޮށް މިސައިލާއި ގިނަ ޑްރޯން ޙަމަލާތަކެއް ދީފައެވެ.