އިސްރާއީލުން އީރާނަށް ޙަމަލާ ދިނުމާއި ގުޅިގެން ރައްދުގައި އީރާނުން ދޭންފެށި ޙަމަލާތަކުގައި އިސްރާއީލް ބަލިވެ އިނދަޖެހެމުންދާތީވެ، އެ ސްޓޭޓް ސަލާމަތް ކުރުމަށް އެމެރިކާއިން ހަނގުރާމަމަތީ މަނަވަރުތަކާއި ޖެޓްތައް މިސްރާބު ޖަހައިފިއެވެ.
މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އީރާނުން ދަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކާއި ހައިޕަރ ސޮނިކް މިސައިލްތަކުން ވަރަށް ވަރުގަދައަށް އިސްރާއީލަށް ޙަމަލާ ދެމުންނެވެ. މިނޙަމަލާތަކުގައި އިސްރާއީލުގެ ތެޔޮ ކާރުޚަނާ މުޅިން ހުއްޓުމަކަށް އައިސް، ޖާސޫސީ އިދާރާގައި ރޯވެ، އެމެރިކާގެ އެމްބަސީވެސް ވަނީ ހަލާކުވެފައެވެ.
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު އަދި އެއާކްރާފްޓް ކެރިއަރު އިސްރާއީލު ޙިމާޔަތް ކުރުމަށް ދަތުރުކުރަނީ.
ދެންމެ ޚަބަރު ލިބުނު ގޮތުގައި އެމެރިކާގެ ޕެންޓަގަން އިން ވަނީ އެއާކްރާފްޓް ކެރިއާ ގްރޫޕްތަކުގެ ދެ ގްރޫޕެއް އިސްރާއީލު ސަލާމަތްކުރުމަށް ފޮނުވާފައެވެ. އެއީ ޔޫއެސްއެސް ނިމިޓްޒް އަދި ޔޫއެސްއެސް ކާލް ވިންސަންއެވެ. މި ފުލީޓް ދަތުރުކުރަމުންދަނީ މެޑިޓެރޭނިއަން ކަނޑާއި ޢަރަބި ކަނޑުތަކަށެވެ. އެ ފުލީޓުގައި އެފް-35 އަދި އެފް-15 ޖެޓައި އެކު 31 ކޭސީ-135 އަދި ކޭސީ-46ގެ ޓޭންކަރު ވެސް ހިމެނެއެވެ.
އެމެރިކާއިން އީރާނަށް ޙަމަލާ ދީފިނަމަ އެމެރިކާގެ ބޭސްތަކަށް ޙަމަލާ ދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެހެންކަމުން ރައީސް ޓްރަމްޕް، އީރާނުގެ ސަރަހައްދަށް ސީދާ އެމެރިކާއިން ހަމަލާތައް ދިނުމުގެ ހުއްދައެއް ނުދެއްވައެވެ.