އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 17 ޖޫން 2025 14:26
އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުން / ފޮޓޯ: ފޮރިން މިނިސްޓްރީ
އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުން / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

މި ބައްދަލުވުމުގައި, ވަކިން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން، ފަލަސްތީނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް އަލިއަޅުވާލައި ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ރާއްޖެއިން ތަގުރީރު ދިނުމަށް ހަމަޖެހިފައިވޭ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަން އިއްޔެ ފަށާފައިވާ ކަމަށެވެ. އެ ސެޝަން ކުރިއަށް ގެންދާނީ އަންނަ މަހު 9 ގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަޔާންކޮށްދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަގުރީރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ދަ ރައިޓް ޓު ޕީސްފުލް އެސެމްބްލީ އެންޑް އޮފް އެސޯސިއޭޝަންގެ ކޯ ގުރޫޕް މެމްބަރުންނާ ގުޅިގެން ރާއްޖެއިން ސްޕެޝަލް ރެޕެޓުއާ އޮން ދަ ރައިޓް ޓު ފްރީޑަމް އޮފް ޕީސްފުލް އެސެމްބްލީ އެންޑް އޮފް އެސޯސިއޭޝަންގެ މެންޑޭޓް ރިނިއުއަލްއަށް ގަރާރެއް ހުށަހަޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރެއްގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ހައްގުތަކާބެހޭ މައްސަލަތައް އިތުރުވަމުން ދާތީ ރާއްޖެއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއާއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ތަގުރީރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ވަކިން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން، ފަލަސްތީނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް އަލިއަޅުވާލައި ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ރާއްޖެއިން ތަގުރީރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ ކައުންސެލާ އާދަމް ހާމިދު، ކައުންސެލާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީން، ސެކަންޑް ސެކްރެޓަރީ އަމްރު ދަންޔާލް ޝައްމޫން އަދި އެޓާޝޭ މުހައްމަދު ރާއިދު ސައީދެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ހައްލުކޮށް، އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ. ގެ ނިޒާމުގެ ތެރެއިން ބައެކެވެ.

ޖުމްލަ 47 މެންބަރު ގައުމެއްގެ މައްޗަށް އެކުލެވިގެންވާ އެ މަޖިލީހަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. ރާއްޖެއަކީ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މި ދައުރު ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%