އިސްރާއީލުން އީރާނުގެ ހޮސްޕިޓަލަކަށް މިސައިލް ހަމަލާއެއް ދީފިއެވެ. ތެހެރާނު ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ، އީރާނުގެ ހުޅަނގު ފަރާތުގައި އޮންނަ ބޯޑަރު ސިޓީ ކެރްމަންޝާހުގައި ހުންނަ ފަރާބީ ހޮސްޕިޓަލަށެވެ.
މި ހަމަލާގައި ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ މެޑިކަލް ސާމާނު ހަލާކުވެފައިވެއެވެ. އަދި ބިއްލޫރިތައް ތަޅައިގެން ދިއުމުގެ ސަބަބުން އެކި ވޯޑުތަކުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އީރާނުގެ ސިއްޙީ އިދާރާތަކާއި އިންސާނީ އެހީދޭ ޖަމްޢިއްޔާތަކުން މި ހަމަލާ ކުށްވެރިކޮށްފައިވެއެވެ. އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މެޑިކަލް ނިއުޓްރަލިޓީއާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އީރާނުގެ ސިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު ހުސެއިން ކެރްމަންޕޫރު ވިދާޅުވެފައިވަނީ، އިސްރާއީލުން ހަމަލާ އަމާޒުކުރަނީ ހަމައެކަނި އަސްކަރީ ތަންތަނަށް ކަމަށް ބުނާ ބުނުމަކީ "ދޮގު ސްލޯގަން" އެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ފާއިތުވި 65 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި 1،277 މީހުން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން 90 އިންސައްތައަކީ އާންމު ރައްޔިތުން ކަމަށެވެ.









