އެއަރ އިންޑިއާގެ ބޮއިންގ 787 މަތިންދާބޯޓެއް ހޮންގްކޮންގުން ނިއު ދިއްލީއަށް ދަތުރުކުރަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އަނބުރާ ހޮންގްކޮންގަށް ޖައްސައިފިއެވެ.
އެއަރ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއަރލައިންގެ ފްލައިޓް އޭއައި315 އަނބުރާ ހޮންގްކޮންގަށް ޖައްސާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް، ދިމާވި މައްސަލައިގެ ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލް މޮނިޓަރިންގ ވެބްސައިޓުގެ ލައިވް ރެކޯޑިންގއިން އަޑުއިވޭ ގޮތުގައި، ހޮންގްކޮންގުން ފުރިތާ ގާތްގަނޑަކަށް 15 މިނެޓު ފަހުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ހޮންގްކޮންގަށް ޖައްސަން ބޭނުންވާ ކަމަށް ބޯޓުގެ ޕައިލެޓު ބުނެފައިވެއެވެ. ނަމަވެސް، މި ރެކޯޑިންގއާ ގުޅޭގޮތުން އެއްޗެއް ބުނަން އެއަރ އިންޑިއާއިން ވަނީ އިންކާރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ، މިދިޔަ ހަފުތާގައި އަޙްމަދާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއަރ އިންޑިއާގެ ބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގ 787 މަރުކާގެ ހުރިހާ ބޯޓުތަކެއް ތަޙުޤީޤުކޮށް، މައްސަލައެއް ހުރިތޯ ބަލަމުންދާ ދަނޑިވަޅެއްގައެވެ. އެ ހާދިސާގައި 242 ފަސިންޖަރުންގެ ތެރެއިން 241 މީހުން މަރުވެފައިވެއެވެ.