ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީ-ޓު-އެއާ ކާގޯގެ ހިދުމަތާއި ގުޅުނު އެއާލައިންތަކުގެ އަދަދު 17 އަށް އަރައިފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލުން ބުނީ ބައިނަލްއަގުވާމީ 17 އެއާލައިނަކުން އެ ޚިދުމަތާއި ގުޅިފައިވާ ކަމަށާއި. އެ އެއާލައިންތައް މެދުވެރިކޮށް ދުނިޔޭގެ 23 މަންޒިލަކަށް ކާގޯ ފޮނުވޭނެ ކަމަށެވެ.
ސީ-ޓު-އެއާ ކާގޯގެ ހިދުމަތާއި އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު، ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް އެމްއޭސީއެލް އާއި އެމްޕީއެލް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.
އެ ހިދުމަތަކީ މި ސަރުކާރުން ރާއްޖޭގައި މުޅިން އަލަށް ފެށި ހިދުމަތެކެވެ. އެ ހިދުމަތް ފެށީ މިދިޔަ އަހަރު މެއި 15 ވަނަ ދުވަހުގަ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފުޅާވަމުން އަންނައިރު، މިހާތަނަށް އެ ހިދުމަތުން ރާއްޖޭގެ އިގުތިސާދަށް އެތައް މިލިޔަނަށް ވުރެ ގިނަ ޑޮލަރު ވަދެފައިވެ އެވެ.
އެ ހިދުމަތް ދޭތާ އަހަރެއްވީ އިރު ދެމިލިޔަން ކިލޯގެ ކާގޯ އުފުލާފައިވެ އެވެ.