ރ. އިނގުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ މާލެ, ދަފްތަރު ނަންބަރު 2689، އަލީ ޝަރީފް, 62 އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ރަށު ތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު, މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.