ވައިގަދަވުމުން ކުޅުދުއްފުށްޓަށް ނުޖެއްސި މޯލްޑިވިއަންގެ ބޯޓެއް އެނބުރި މާލެއަށް

އާނާ ފަހީމް | 8 ގަޑިއިރު ކުރިން - 15 ޖޫން 2025 14:17
މޯލްޑިވިއަންގެ ބޯޓެއް/ ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ބޯޓެއް/ ފޮޓޯ: މޯލްޑިވިއަން
ޚުލާސާ

މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ފުރި މޯލްޑިވިއަންގެ ބޯޓެއް، ވައިގަދަވުމުގެ ސަބަބުން އެ ރަށަށް ނުޖެއްސި، ދެ ގަޑިއިރު ވައިގެ މަތީގައި އުދުހުމަށްފަހު އެނބުރި މާލެ އައިސްފި.

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް، ވައިގަދަވުމުގެ ސަބަބުން އެ ރަށަށް ނުޖެއްސި އެނބުރި މާލެ އައިސްފިއެވެ.

މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ފުރީ މިއަދު ހެނދުނު 8:34 ގައެވެ. ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް، ވައިގަދަވުމުގެ ސަބަބުން އެ އެއާޕޯޓުގައި ނުޖެއްސި، ގިނައިރު ވައިގެ މަތީގައި އުދުހެން ޖެހުނެވެ.

އޭޓީއާރު 72-600 މަރުކާގެ އެ ބޯޓު އެނބުރި މާލެ އައީ ދެގަޑިއިރެއްހާއިރު އުދުހުމަށްފަހު، މިއަދު ހެނދުނު 11 ޖަހާއިރުހާއިރުއެވެ. ވައިގެމަގުން މާލެއިން ކުޅުދުއްފުށްޓަށް އާންމުކޮށް ދެވެނީ 40-45 މިނެޓުންނެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް، ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓް ނެރުނީ ހއ. އިން ފެށިގެން ޅ. އަތޮޅަށް މިއަދު ހެނދުނު 11:45 އިން ހަވީރު 4:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން މަޢުލޫމާތު ދިންގޮތުގައި، އެ ސަރަހައްދަށް ވައިޖެހޭނީ އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%