މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދުރަން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ, ހ. މެޑޯސްވީޓް, އަހްމަދު އަފީފް, 60 އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓު ކައިރިން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓައިލިތަން ފުލުހުންނަށް ފެނުމުން އޭނާ ހުއްޓުވައި، އޭނާ އެ ވަގުތު ހުރިތަން ބަލައިފާސްކުރި އިރު, މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސްރަބަރު ޕެކެޓް ފެނުމާއި ގުޅިގެން ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.