ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަންގައި ބައިވެރިވެ، މުހިންމު ކާމިޔާބީތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ. މިދިޔަ އޭޕްރީލް 28 އިން މޭ 28 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 7 ޤައުމަކުން ބައިވެރިވެ، އިންޓަރނޭޝަނަލް ސްކޭމްތަކާއި ދެކޮޅަށް މަސައްކަތްކޮށްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި، ފްރޮންޓިއަރ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑުގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މި ނެޓްވޯކްގެ މަޤްޞަދަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާއި ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ އޮނިގަނޑެއް ޤާއިމުކުރުމެވެ.
އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް މިމަހުގެ 3 ވަނަ ދުވަހު ހޮންކޮންގގައި ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުޙައްމަދު ވަނީ ބައިވެރިވެފައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވި، ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށާއި، އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓު ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއްވިއެވެ.
ފްރޮންޓިއަރ ޕްލަސް ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާއި ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.