އިރާނުން އިސްރާއީލަށް ރޭ ދިން ހަމަލާއެއްގައި އިސްރާއީލުގެ އުސް އިމާރާތެއް ވެއްޓި، 35 މީހުން ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. މި ހަމަލާއަކީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން އިރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އާންމުން ދިރިއުޅެމުންދިޔަ އުސް އިމާރާތަކަށް މިސައިލް އަމާޒުވިއެވެ. އަދި ގެއްލުނު މީހުން އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިރާނުން އިސްރާއީލަށް ދެފެހަރެއްގެ މަތިން ހަމަލާ ދީފައިވާއިރު، ފުރަތަމަ ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށެވެ. ދެވަނަ ހަމަލާގައި ގެއްލުން ވެފައިވަނީ ވެރިރަށް ޓެލް އަވީވްއާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށެވެ. މީގެ ތެރޭގައި ބަޓް ޔަމް ހިމެނެއެވެ.
އިރާނުން ބުނެފައިވަނީ އިސްރާއީލުން އިރާނަށް ދޭ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު، އިރާނުގެ ހަމަލާތައް އިތުރުވެ، ވަރުގަދަވެގެންދާނެ ކަމަށެވެ.