ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެ ކޯޕަރޭޝަނުން މިއަދު އެދިއްޖެ
ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި ފޯނަށް މެސެޖުތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން އެއްވެސް މީހަކަށް ލިންކެއް ފޮނުވައިގެން ފައިސާ ދައްކަން މެސެޖު ނުކުރާނެ ކަމަށާއި އެ ކޯޕަރޭޝަންގެ ފަރާތުން އެއްވެސް މީހަކަށް ގުޅައި ނުވަތަ މެސެޖުކޮށް، އެއްވެސް އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނާންގާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ޖަމާކުކުރުމަށް އަންގާނީ އެ ކޯޕްރޭޝަންގެ ނަމުގައި ހެދިފައި ހުރި ރަސްމީ އެކައުންޓުތަކަށް ކަމަށް ވެސް ބުންޏެވެ.
މި ކަހަލަ ސްކޭމް މެސެޖުތަކާއި ކޯލްތައް ލިބުމުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރަން ހައްޖު ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.