ރޭ އިސްރާއީލުން އީރާނަށް ހަމަލާދީ ކޮމާންޑަރުންތަކެއް މަރައިލައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. “އޮޕަރޭޝަން ރައިސިންގ ލަޔަން” ގެ ނަމުގައި އީރާނުގެ ނިއުކްލިއާ، ބެލިސްޓިކް މިސައިލް، އަދި އަސްކަރީ އެތައް ސައިޓަކަށް ހަމަލާ ދީފައިވާނެ ކަމަށާއި، އެގައުމުގައި އެންމެ މަޝްހޫރު ނަޓަންޒް ޔޫރޭނިއަމް މުއްސަނދިކުރާ ފެސިލިޓީ އަށް ވެސް ހަމަލާ ދީފައިވާނެ ކަމަށް އިސްރާއީލުން ބުނެއެވެ.
ބައެއް މަސްދަރުތައް ބުނާ ގޮތުގައި އިސްރާއީލުން ރޭގެ ދަންވަރުގެ ވަގުތެއްގައި ތެހެރާނާއި އެހެނިހެން ސިޓީތަކަށް ދިން ހަމަލާތަކާއި ގުޅިގެން ބާރު ގަދަ ގޮވުންތައް ގޮވިއެވެ. އަދި އިސްރާއީލުގެ ހަމަލާގައި އައިއާރުޖީސީގެ ކޮމާންޑަރު ހުސެއިންސަލާމީ މަރުވެފައިވާކަން އެގައުކުގެ މީޑިއާތަކުން ކަށަވަރުކޮށްދީ، ނިއުކްލިއާ ބައެއް ސައިންސްވެރިންނާއި އީރާނުގެ މަތީ ފެންވަރުގެ ބޭފުޅުން މަރާލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ހަބަރުތައް. ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތައް ނަތަންޒް، ޚޮންދަބް، ޚޯރަމާބާދު، އަދި ތެހެރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްފައި ވެއެވެ.
ރޭގެ ހަމަލާގައި މަރައިލި މަތީ ފެންވަރުގެ ބައެއް މީހުން:
މޭޖަރ. ޖެނެރަލް ހުސައިންސަލާމީ - އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރ އިން ޗީފް.
މޭޖަރ.ޖެނެރަލް ޣޯލަމްއަލީރަޝީދު – އީރާނުގެ ސިފައިންގެ ޖެނެރަލް ސްޓާފްގެ ޑެޕިއުޓީ ޗީފް އަދި ޚަތަމް އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ވެރިޔާ.
ބްރިޖް.ޖެނެރަލް ފެރެއިދޫންއައްބާސީ‐ދަވާނީ – އީރާނުގެ މަޝްހޫރު ނިއުކްލިއާ ސައިންޓިސްޓެއް އަދި އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ކުރީގެ ވެރިޔާ.
މި ހަމަލާ ތަކަށް ފަހު އިސްރާއީލުގެ ބެން ގުރިއަން އެއާޕޯޓް މިހާރު ވަނީ ބަންދުކޮށް، ކުއްލި ހާލަތު އިޢުލާންކޮށްފައެވެ. އެގޮތުން އީރާނުން ފޮނުވަފާނެ ޑްރޯން އާއި މިސައިލް ހަމަލާތަކާއި ދެކޮޅަށް އަޔަން ޑޯމް ސިސްޓަމްތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައި ކަމަށް އިސްރާއީލުން ބުނެއެވެ.









