އިންޑިއާގެ އަހްމަދުއާބާދުގައި މިއަދު ވެއްޓުނު އެއަރ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވެފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.
އިންޑިއާގެ ނޫސް އޭޖެންސީ އޭއެންއައި އިން ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ބުނެފައިވަނީ ސީޓް 11އޭ އިން ފުލުހުންނަށް ފުރާނަ ހުރި މީހަކު ފެނިފައިވާ ކަމަށާއި އޭނާގެ ނަމަކީ ވިޝްވާސް ކުމާރު ކަމަށެވެ. އެ އޮފިސަރު ބުނީ ސަލާމަތްވި މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، މަރުވި މީހުންގެ ޢަދަދާ މެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
މީގެ އިތުރުން މީސްމިޑިއާގައި ދައުރު ވަމުންދާ ވީޑިއޯއެއްގައި ފެނިގެން ދަނީ އެމީހާ ސަލާމަތުން ހުރެ ހިނގާފައި އެމްބިއުލާންސާ ދިމާލަށް ހިނގަމުންދާ މަންޒަރެވެ.
ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ކަމަށްވާތީ، އިތުރު މީހުން މަރުވެފައިވުން އެކަށީގެންވާ ކަމަށް ފުލުސް އޮފިސަރު ބުންޏެވެ.
ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއިއޯއެއް އާންމުވެފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ.
ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށްވާ ގޮތަށެވެ. ބޯޓުގެ ބައެއް ބައިތައް އެ ޢމާރާތުގެ ތެރޭގައި ވެސް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަހްމަދުއާބާދުން ލަންޑަނަށް ދާން ފުރި މި ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާގެ އެކަކާއި ޕޯޗްގީޒް ހަތް މީހުންނެވެ. މި ބޯޓަކީ ބޯއިން 787-8 ޑްރީމްލައިނަރ އެއް ކަމަށާއި، މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އިންޑިއާގެ އިމަޖެންސީ ޚިދުމަތްތަކުން ބުނެފައިވެއެވެ.