އެއަރ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ގިނަ ބަޔަކު ނިޔާވެއްޖެ

އާނާ ފަހީމް | 1 ދުވަސް ކުރިން - 12 ޖޫން 2025 18:41
އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓިފައި. / ފޮޓޯ: ސީއެންއޭ
އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓިފައި. / ފޮޓޯ: ސީއެންއޭ
ޚުލާސާ

އަޙްމަދްއާބާދުން ލަންޑަނަށް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ގުޖްރާތު ސްޓޭޓަށް ވެއްޓި، 242 ފަސިންޖަރުންގެ ތެރެއިން ގިނަބަޔަކު މަރުވެއްޖެ.

އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް މިއަދު ވެއްޓިއްޖެއެވެ.

ވެއްޓުނު މަތިންދާބޯޓަކީ 242 މީހުންނާއެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރުކުރަމުންދިޔަ ބޯއިންގ 787-800 ޑްރީމްލައިނަރ ބޯޓެކެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯތަކުން ފެންނަނީ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުގައި ވަރަށް ބޮޑަށް ރޯވެ، ބޯކޮށް ދުން އަރަމުންދާ މަންޒަރެވެ. އަނިޔާވި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރުތައްވެސް ފެނެއެވެ.

މަތިންދާބޯޓުގައި ތިބި ފަސިންޖަރުންގެ ތެރޭގައި އިންޑިއާގެ 169 މީހުންނާއި، އިނގިރޭސިވިލާތުގެ 53 މީހުންނާއި، ޕޯޗުގަލްގެ 7 މީހުންނާއި، ކެނެޑާގެ އެކަކު ހިމެނެއެވެ. މީގެ އިތުރުން 11 ކުޑަކުދިންނާއި 12 ފަޅުވެރިންވެސް ހިމެނެއެވެ.

އަހްމަދުއާބާދު ސިޓީގެ ޕޮލިސް ކޮމިޝަނަރު، ޖީ.އެސް މާލިކް އާއި ހަވާލާދީ އެސޯސިއޭޓް ޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވިދާޅުވެފައިވަނީ މި ޙާދިސާގައި ބޯޓުގައި ތިބި އެއްވެސް މީހަކު ސަލާމަތްވި ކަމަށް ނުބެލެވޭ ކަމަށާއި އެންމެން ނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މި ޙާދިސާއާ ގުޅިގެން އަޙްމަދްއާބާދު ވައިގެ ބަނދަރުގައި ކުއްލި ޙާލަތު އިޢުލާންކޮށް، ގުޖްރާތުގެ ވައިގެ ސަރަޙައްދު ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ. އަދި އަލިފާން ނިއްވާ އިދާރާތަކުގެ ޓީމުތައް މި ވަގުތު ދަނީ ޙާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%