އިންޓަރޕޯލް އިން އިސްނަގައިގެން ހިންގި "އޮޕަރޭޝަން ސެކިއުރ" ގައި ދވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެއްޖެއެވެ.
މި އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ޤައުމުތަކެއް ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަރކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން އޭޕްރިލް މަހާ ހަމައަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އިންފޮމޭޝަން ސްޓީލިންގ މަލްވެއަރއާ ގުޅުންހުރި 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ވަނީ ނައްތާލާފައެވެ.
"އިންފޮމޭޝަން ސްޓީލަރސް" އަކީ ބްރައުޒަރ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މަޢުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މަޢުލޫމާތު ފަދަ މުހިންމު މަޢުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައި ހުންނަ ނުރައްކާތެރި މަލްވެއަރއެކެވެ. މިފަދަ ގޮތަކަށް ހޯދާ މަޢުލޫމާތު ބޭނުންކޮށްގެން އިތުރު ސައިބަރ ޙަމަލާތައް ދިނުމަށްވެސް ބޭނުންކުރެއެވެ.
އޮޕަރޭޝަން ސެކިއުރގެ ތެރެއިން، ދިވެހިރާއްޖެއާ ގުޅުންހުރި މަޢުލޫމާތުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ތަޙުޤީޤުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ. މި މަސައްކަތުގައި އިންޓަރޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް، އަދި އެ މަޢުލޫމާތުތައް ދިރާސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ޙިއްސާކުރުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި ޖުމުލަ 41 ސަރވަރއާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ ވަނީ އަތުލައިގަނެފައެވެ. އަދި ޤާނޫނާ ޚިލާފު ސައިބަރ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގައި 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ދެވި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ސައިބަރ ކްރައިމް ސެންޓަރުގެ ހެޑް ވިދާޅުވީ އޮޕަރޭޝަން ސެކިއުރގައި އެބޭފުޅުންގެ ދައުރަކީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށެވެ. އަދ އިންޓަރޕޯލްއާއި ބައިވެރިވި އެހެނިހެން ޤައުމުތަކާއެކު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ފަރުދުންނާއި ވިޔަފާރިތަކަށް ނުރައްކާވެފައިވާ މި ބާވަތުގެ ކުށްކުރާ ނެޓްވޯކްތައް ނައްތާލުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޑިޖިޓަލް ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސައިބަރ ކްރައިމް ސެންޓަރުގެ ޤާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެއްބާރުލުން ހޯދައި ގުޅިގެން މަސައްކަތްކުރުމަށް ބޮޑު އިސްކަމެއްދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.