ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތްކުރުމަށް އެ ދެ އިދާރާގެ އިސްވެރިން މިއަދު މަޝްވަރާކުރައްވައިފިއެވެ.
ފުލުހުން ބުނީ އެ އިދާރާގެ އާ ކޮމިޝަނަރު އިސްމާއީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ސިފައިންގެ މައި މަރުކަޒުގައި މިއަދު ހެނދުނު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމަކީ ނަވީން ޕޮލިސް ކޮމިޝަނަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފުވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި، ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ހާއްސަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، އެ މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.