ޙައްޖާ ގުޅޭ އެންމެހާގައި އަޅުކަންތައް ފުރިހަމަކުރުމަށް ފަހު ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު މިއަދު މަދީނާއަށް ފުރައިފިއެވެ.
ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ދަތުރު މި ފަހަރު ކުރަން ހަމަޖެހިފައިވަނީ ހައި ސްޕީޑު ރޭލުގައެވެ.
މީގެ ކުރީން ބަހުގައި ކުރަމުން އައި ހަ ގަޑި އިރާއި އަށް ގަޑި އިރުގެ ދަތުރުގެ ބަދަލުގައި ދެ ގަޑި އިރުން މަދީނާއަށް ދެވޭ ރޭލުގައި މި ދަތުރުކުރާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއީ ޙައްޖުވެރީންގެ ކަންކަން ލުއިފަސޭހަކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބަދަލުކުރެވުނު ކަމެކެވެ.
މީގެ އިތުރުން މިފަހަރު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވް ގައިވެސް ރާއްޖެ ހިމަނާފައެވެ. މައްކާ ރޫޓްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ފަސޭހަތަކުގެ ތެރޭގައި، ޖިއްދާ އެއަރޕޯޓުގައި އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނެގުމަށް މަޑުކުރަން ނުޖެހުމާއި، މަތިންދާބޯޓުން ފައިބާ ގޮތަށް ސީދާ ހޮޓަލަށް ދިއުމާއި، ލަގެޖް ވެސް ހޮޓަލުން ލިބޭނެ އިންތިޒާމް ހަމަޖެހުން ފާހަގަކޮށްލެވެއެވެ.
ދިވެހި ޙައްޖުވެރީން މަދީނާއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހައިލައިގެންނެވެ. ޙައްޖުވެރީން ރާއްޖެއަށް އެނބުރި އަންނާން ފުރާނީ މަދީނާއިންނެވެ. ޙައްޖުވެރިން އެނބުރި އަންނަން ހަމަޖެހިފައިވަނީ މި މަހުގެ 13، 14، 16 އަދި 17 މި ދުވަސްތަކުގައެވެ.