ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދުގެ މައްޗަށް މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީ، ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
"އިންޝާ ﷲ މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފަ,"
ޝައިޚް ފަރީދު ނިޔާވީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު، މެލޭޝިޔާއަށް ވަޑައިގެން ބޯޓުން ފައިބަވަމުންނެވެ. މެލޭޝިޔާ ހައިކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޝައިޚް ފަރީދުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ ސައިބަ ޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. އަދި ވަޅުލުމަށް ހަމަޖެހިފައިވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަގީގައެވެ.
ޝައިޚް ފަރީދުގެ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "މާތްﷲ ޝައިޚް ފަރީދުގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރެއްވުމަށް އެދި" ދުޢާ ކުރައްވާފައެވެ.
ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޝައިޚްގެ ޢިލްމީ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ޝައިޚްގެ ނަމުގައި ބަންގްލާދޭޝްގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމްޢިއްޔާއިން ވަނީ ފަންޑެއް ހުޅުވާލާފައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަރީދުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އޮންނާނީ ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ކަމަށާއި، ޖަނާޒާގެ ކަންކަން ދާ ގޮތް އިއުލާންކުރާނެ ކަމަށެވެ.