ޒައިނުއްދީން ޒިދާން ސައުދީ އަރަބިއާގެ އަލް ހިލާލްގެ 100 މިލިއަން ޔޫރޯގެ އޮފާ ދޫކޮށްލައިފި

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 10 ޖޫން 2025 13:40
ޒައިނުއްދީން ޒިދާން
ޒައިނުއްދީން ޒިދާން
ޚުލާސާ

އަލް ހިލާލްގެ މި ބޮޑު އޮފާ ޒިދާން ދޫކޮށްލީ ފަރަންސޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަމަށް އޮތް ޝައުޤުވެރިކަން ބޮޑުކަމުންކަމަށް ގިނަ ބަޔަކު ދެކޭ.

ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކޯޗު، ޒައިނުއްދީން ޒިދާން، ސައުދީ އަރަބިއާގެ އަލް ހިލާލް ކުލަބުން ހުށަހެޅި 100 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ދޫކޮށްލައިފިއެވެ.

ޒިދާންއަކީ ރެއާލް މެޑްރިޑް ކުލަބަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ތާރީޚީ ކޯޗެވެ. މިއީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގައި މިހާތަނަށް އެހެން އެއްވެސް ކޯޗަކަށް ކުރެވިފައިނުވާ ކަމެކެވެ. މި ސަބަބަށްޓަކައި، އޭނާއަށް އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތުގެ ބޮޑެތި ކުލަބުތަކުން އަބަދުވެސް ޝައުޤުވެރިކަން ފާޅުކުރަމުން އަންނަ އެވެ.

ނަމަވެސް، ޒިދާން މިހާތަނަށް ރެއާލް މެޑްރިޑް ފިޔަވައި ޔޫރަޕުގެ އެހެން އެއްވެސް ޓީމަކަށް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، އަލް ހިލާލްގެ މި ބޮޑު އޮފާ ޒިދާން ދޫކޮށްލީ ފަރަންސޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަމަށް އޮތް ޝައުޤުވެރިކަން ބޮޑުކަމުންނެވެ. އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށްފަހު، ފަރަންސޭސިވިލާތުގެ މިހާރުގެ ކޯޗު ޑިޑިއެ ޑެޝޯން އެ މަޤާމުން ވަކިވާނެ ކަމަށް ބެލެވެ އެވެ. އަދި އޭނާގެ ފަހަތުން އެ މަޤާމަށް އައުމަށް އެންމެ ގާތް މީހަކީ ވެސް ޒިދާން ކަމަށް ލަފާކުރެވެއެވެ.

އުމުރުން 52 އަހަރުގެ ޒިދާންއަކީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ވެސް ވަރަށް ކާމިޔާބު މީހެކެވެ. އޭނާ ވަނީ ފަރަންސޭސިވިލާތުގެ ބޯޑޯ، އިޓަލީވިލާތުގެ ޔުވެންޓަސް އަދި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެފައެވެ. އޭނާއަކީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ފަރަންސޭސިވިލާތަށް ކާމިޔާބުކޮށްދިނުމަށް ފައިނަލް މެޗުގައި ބްރެޒިލްއާ ދެކޮޅަށް ދެގޯލު ޖެހި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން، 2000 ވަނަ އަހަރުގެ ޔޫރޯ ކަޕް ކާމިޔާބުކޮށް، 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލަށް ފަރަންސޭސިވިލާތް ގެންދިޔައީ ޒިދާންގެ ކެޕްޓަންކަމުގަ އެވެ.

ޒިދާން ވަނީ ތިންފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހާސިލްކޮށްފައެވެ. އަދި އެއްފަހަރެއްގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް މެޑްރިޑަށް ބަދަލުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%