އައްލޫ އަރްޖުން އާއި ދީޕިކާ ޕަޑުކޯން އެއް ފިލްމެއްގައި ފެނިގެންދާނެކަން އިއުލާންކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 6 ދުވަސް ކުރިން - 9 ޖޫން 2025 04:35
އައްލޫ އަރްޖުން އާއި ދީޕިކާ ޕަޑުކޯން
އައްލޫ އަރްޖުން އާއި ދީޕިކާ ޕަޑުކޯން
ޚުލާސާ

މި ފިލްމަކީ މިދިޔަ އަހަރު އަލަތު ދަރިފުޅު ވިހެއި ފަހުން ދީޕިކާ ސޮއިކުރިކަން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފިލްމަށް ވެގެންދާނެ.

ސައުތު އިންޑިއަން ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރިއެއް ކަމަށްވާ އައްލޫ އަރްޖުން އާއި އެކުގައި ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ދީޕިކާ ޕަޑުކޯން ފިލްމަކުން ފެނިގެންދާނެކަން އިއުލާންކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން ފިލްމު އުފައްދާ ކުންފުނި، ސަން ޕިކްޗާސް އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯގައި ފިލްމުގެ ޑައިރެކްޓަރު އެޓްލީ އާއި ދީޕިކާ ފެނިގެންދާއިރު، ފިލްމަށް ވަމުން އަންނަ ތައްޔާރީތަކުގެ މަންޒަރުތަކެއް ވެސް ހިމަނާފައިވެއެވެ.

މި ފިލްމަކީ ބޮޑު ބަޖެޓެއް އެކުލެވޭ ސައިންސް ފިކްޝަން ފިލްމެއް ކަމަށް ބުނެވެއެވެ. އަދި މީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ފިލްމަކީ މިދިޔަ އަހަރު އަލަތު ދަރިފުޅު ވިހެއި ފަހުން ދީޕިކާ ސޮއިކުރިކަން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފިލްމެވެ. އަދި މިއީ އެޓްލީއާއެކު ދީޕިކާ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. ކުރިން އޭނާ 2023 ގައި ޝާހްރުކް ޚާނާއި އެކު ގެނެސްދިން "ޖަވާން" ގެ މުހިއްމު ރޯލެއް ކުޅެފައިވެއެވެ.

އައްލޫގެ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ނެގިކަން އިއުލާންކުރިއިރު، މީގެ ކުރިން މި ރޯލު ޕްރިޔަންކާ ޗޯޕްޅާއަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އުފެދިފައިވެއެވެ. ނަމަވެސް މިހާރު ވަނީ ދީޕިކާ މި ރޯލަށް ހޮވިފައިކަން ކަށަވަރުވެފައެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ޕުޝްޕާ" ގެ ބަތަލު އައްލޫ އާއި ދީޕިކާއާ އެކު ފެނިގެންދާނެ މި ފިލްމަކީ އިންޑިއަން ސިނެމާގެ ތާރީޚުގައި ވެސް ވަރަށް މުހިއްމު ފިލްމަކަށް ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%