ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު، ޑރ. ތައުފީގު އަލް-ރާބިއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، މާތްވެގެންވާ ދެމިސްކިތުގެ ޚާދިމް، ކިންގް ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
އަދި ރައީސް މުއިއްޒު ވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ލިބުނު ފާހަގަކޮށްލެވޭ މެހެމާންދާރީއާއި ހުރުމުގެ އިންތިޒާމު ރަނގަޅުވުމުން އެކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިހާރު ވަޑައިގެން ތިއްބެވީ ސައޫދީ އަރަބިއްޔާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ޤައުމުގައި ތިއްބަވަނީ، ސައޫދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.