އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި، އެ ކުދިންނަކީ މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމައާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް އަމާޒުކުރެވިފައިވަނީ އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެ ކުދިންގެ ފުރިހަމަ ގާބިލުކަން ހާމަކުރުމަށާއި، ލީޑަރޝިޕްގެ ދައުރު އަދާކުރެވޭނެ ފަދަ ރައްކާތެރި، އެހީތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިފަދަ ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ މުޅި މުޖުތަމަޢު އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި، މިކަން ފެށެންވާނީ އާއިލާތަކާއި މުޖުތަމަޢުގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ކަމަށެވެ. "މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންނަށްޓަކައި ކުރާ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަ، ޝާމިލު އަދި ތަނަވަސް މުސްތަޤްބަލަކަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް،" ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
މި ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރޭގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް (ސްޓެމް) ގެ އިތުރުން މައުލޫމާތާއި މުވާސަލާތީ ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ. އެގޮތުން 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޯމޭޝަން އިސްނެގުމުގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ރޮބޮޓިކްސް އަދި ކޮމްޕިއުޓަރ ޕްރޮގްރާމިންގ ފަދަ ދާއިރާތަކުގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އިންޖިނިއަރިންގ، މެރިން ސައިންސް އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާތަކުން ސްކޮލަރޝިޕްތަކާއި ފަންނީ ތަމްރީނު އަދި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ ހާއްސަ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ މެސެޖުގައި އަންހެން ކުދިން ސިފަކުރައްވާފައިވަނީ ލީޑަރުންގެ ގޮތުގައާއި، އައު އީޖާދުތައް އުފައްދާ އަދި ހެޔޮ ބަދަލުތައް ގެނެސްދޭ ބައެއްގެ ގޮތުގައެވެ. އަދި އެ ކުދިންގެ ހިއްސާއަކީ މުޖުތަމަޢު ބަދަހިކޮށް، ގައުމުގެ މުސްތަގްބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.



