ލ. ގަމުގައި ރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ސާޖަރީ ހެދުމަށް މިއަދު މާލެއަށް ގެނެސްފިއެވެ.
ގަން ލިންކް ރޯޑުގައި ރޭ 19:03 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ 44 އަހަރާއި 48 އަހަރުގެ ދެ ފިރިހެނުންނެވެ. މާލެއަށް ގެނައީ 44 އަހަރުގެ މީހާއެވެ. އޭނާގެ ކަނައަތު ފައި ދެ ތަނަކުން ބިނދިފައިވާތީ، އިތުރު ފަރުވާ އަށް މާލެ ގެނައީއެވެ.
48 އަހަރުގެ މީހާގެ އަތުގެ މުލައްދަނޑިއާއި ފައިގެ ކަކޫ ކައިރިން ހަން ގޮސްފައިވާ ކަމަށާއި، ކަނައަތު ފައިގެ ކަށިމަތީގައި ފްރެކްޗަރއެއް ހުރި ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އަދި އޭނާގެ ބޯޖެހިފައިވާތީ ސީޓީ ސްކޭނެއް ހެދުމުން އެ ސްކޭން ނޯމަލް ކަމަށް ދައްކާފައިވާތީ ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.