ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ 5 ވަނަ މަތިންދާބޯޓު މިއަދު ހަވީރު 4:00 ގައި ރާއްޖެ ގެނެސްފިއެވެ. މިއީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.
މި ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ކުރިއެވެ. އަދި ބޯޓު ރަންވޭގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓެއްވެސް ދެވުނެވެ.
މި މުނާސަބަތު ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްޞަ ހަފްލާއެއް ބޭއްވުނެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއާއި، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވިއެވެ.
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މޯލްޑިވިއަންއަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ފެށުމަކީ އުއްމީދެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، އައު އޭޓީއާރު ބޯޓުގެ ސަބަބުން އެއަރލައިންގެ އޮޕަރޭޝަނަށާއި ފަސިންޖަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ޓެކްނިކަލް ރިލައިބިލިޓީ އިތުރުވުމާއި، އޮންޓައިމް ޕަރފޯމަންސް ރަނގަޅުވުން ހިމެނެއެވެ.
ޑޭޝް 8 އަދި އޭޓީއާރުގެ ޗީފް ޕައިލެޓް އަބްދުﷲ ނާފިޒް ވިދާޅުވީ، އައު އޭޓީއާރު ބޯޓު ގެނައުމަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބޑީ އެއަރބަސް އޭ320، އޭޓީއާރު، ޑޭޝް 8 އަދި ޑޭޝް 6 މަރުކާގެ މަތިންދާބޯޓުތައް ހިމެނެއެވެ.