އިއްޔެ އުޅަނދު ދުއްވުން މަނާ ގަޑީގައި 11 މީހަކު ޖޫރިމަނާކޮށްފި

އައިޝަތު އީމާން | 10 ގަޑިއިރު ކުރިން - 7 ޖޫން 2025 11:24
ފުލުހަކު މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ / ފޮޓޯ: ޚުލާޞާ.
ފުލުހަކު މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ / ފޮޓޯ: ޚުލާޞާ.
ޚުލާސާ

އީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް މާލެއާއި ވިލިމާލޭގައި ޤަވާޢިދާއި ޚިލާފަށް އުޅަނދު ދުއްވައިގެން 141 މީހަކަށް ނަސޭހަތްތެރިވެފައިވޭ. 11 މީހަކު ޖޫރިމަނާކުރި.

ބޮޑު އީދާއި ގުޅިގެން އިއްޔެ ހަވީރު މާލެއާއި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް ވަގުތު، ގަވާއިދާއި ޚިލާފަށް ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، އީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް މާލެއާއި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް ވަގުތުގައި، ޖުމްލަ 141 މީހަކަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި 11 މީހަކު ޖޫރިމަނާކުރިއެވެ.

މީގެ އިތުރުން، ތިން ވެހިކަލެއް ޓޯކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނުރައްކާތެރިކޮށް ދުއްވި އެއް ވެހިކަލާއި، ލައިސަންސް މުއްދަތު ހަމަވެފައި އޮއްވައި ދުއްވި އެއް ވެހިކަލާއި، ލައިސަންސެއް ނެތި ދުއްވި އެއް ވެހިކަލެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އީދު ދުވަހަށް ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވަނީ ހަވީރުގެ އެ ވަގުތުގައި ދުއްވަން ހުއްދަ އޮންނާނީ އާންމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި، އެމަޖެންސީ ޚިދުމަތުގައި ބޭނުންކުރާ ވެހިކަލްތަކަށް އެކަނި ކަމަށެވެ. އަދި މި ގަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، އާންމު ގޮތެއްގައި ވެސް އީދު ދުވަސްފަދަ މުހިންމު މުނާސަބަތުތަކާ ގުޅިގެން މާލެއާއި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން ވަކި ގަޑިތަކެއްގައި މަނާކުރެވޭ ކަމަށެވެ. މިފަދަ ފިޔަވަޅުތައް އަޅަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%