ދިވެހި ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުން ދާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިފަދައިން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަކީލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޙައްޖުވެރިން މައްކާއިން މިނާއަށް ދަތުރު ފެށި ދުވަހުން ފެށިގެން ޙައްޖުވެރިން ލޮކޭޓްކޮށް ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭގައި ހުންނަ ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފީސް މުވައްޒަފުން 24 ގަޑިއިރު ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝަކީލް ވިދާޅުވީ އެއްވެސް ޙާޖީއެއް ކަނޑައެޅިފައިވާ ސަރަޙައްދުން ބޭރަށް ނުކުމެއްޖެނަމަ އެ ޙައްޖުވެރިއަކަށް މާލެ ހެޑް އޮފީހުން ގުޅައި ޙައްޖުވެރިންގެ ޙާލު ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން ދާނެ ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ޙާޖީންނަށް ސަޢުދީޢަރަބިއްޔާގައި ތިބި އެހީތެރިން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ހުރިހާ ޙައްޖުވެރިންވެސް ގޮސްފައިވަނީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ.
ހުރިހާ ޙައްޖުވެރިންގެވެސް ޙާލު ރަނގަޅު ކަމަށާއި، އެއްވެސް ޙައްޖުވެރިއެއް ގެއްލި އެފަދަ އެއްވެސް ކަމެއް މިހާތަނަށް ނުވާކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.