ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަނށް އިތުރުކުރާ އޭޓީއާރު މަރުކާގެ ހަތަރު ވަނަ ބޯޓު ރާއްޖެ އަންނަން ދަތުރު ފަށައިފިއެވެ.
މޯލްޑިވިއަން އިން ގެންނަނީ އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ. އެ އޭޓީއާރު ބޯޓު، މިހާރު ފްރާންސްގެ ޓޫލޫޒްއިން ދަތުރު ފަށާފައިވާ ކަމަށާއި، މީގެ އިތުރުން އަދި އިތުރު ތިން މަންޒިލަކަށް އެ ބޯޓު ޖެއްސުމަށްފަހު ރާއްޖެ އަންނާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
ބޯޓު ޖައްސާނީ ގްރީސްގެ ހެރަކްލިއަން އާއި އިތުރު ދެ މަންޒިލަކަށް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ނަމަވެސް ރާއްޖެއަށް އަންނާނެ ސީދާ ތާރީހެއް މޯލްޑިވިއަން އިން ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވިއަނުގެ ފްލީޓުގައި މިހާރު ވެސް ހަތަރު އޭޓީއާރް ބޭނުންކުރެއެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ޖެނުއަރީ 2023ގައި ގެނައި އޭޓީއާރު-72ގެ ދެ ބޯޓާއި، އެ އަހަރުގެ އޭޕްރީލްގައި ގެނައި އޭޓީއާރު-42 ބޯޓަކާއި، މި ވެރިކަމުގައި މިދިޔަ އަހަރުގެ މެއި މަހު ގެނައި އޭޓީއާރު-42ގެ ބޯޓެކެވެ.
ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ބޯޓު ފްލީޓު، ޑޭޝް މަރުކާއިން، އޭޓީއާރަށް ބަދަލުކުރުމަކީ މޯލްޑިވިއަންގެ އަމާޒެއް ކަމަށް އެ ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.