މި އަހަރުގެ އަޟްހާ އީދާއި ގުޅުވައިގެން ހުޅުމާލޭގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ މިއަދުން ފެށިގެން މި މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ 20:30 ގައި ހުޅުމާލެ ރުއްގަނޑު 1 ގައި އަދި 21:00 ގައި ހުޅުމާލެ ފޭސް 2 ގެ ޗެނަލް ބީޗްގައި ހަރަކާތްތައް ފެށޭނެ ކަަމަށާއި މިރޭގެ ހަރަކާތްތަކުގެ ތެރޭގައި ވެދުމާ ދިޔުމާއި، އީދު ހުޅު އަދި ބޮޑުބެރު ހިމެނޭކަމަށް އެޗްޑީސީން ބުންޏެވެ.
އީދު ދުވަހު، ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި އީދު ނަމާދަށްފަހު އުޟްހިއްޔާ ކަތިލުމާއި އީދު ބޮނޑިބަތް ބެހުން އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މާދަމާ ހަވީރު 16:00 އިން 17:30 އަށް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ވޯޓަރ ސްޕޯޓްސް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެެވެ.
މީގެ އިތުރުން، ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާއި ހަމައަށް ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ފާހަގަކުރިއެވެ.
މި ހަރަކާތްތަކަކީ ހުޅުމާލޭގެ ރައްޔިތުންނަށް އުފާވެރި އީދެއް ހޯދައިދިނުމަށް އެޗްޑީސީން ކުރާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ހާމަކުރިއެވެ.