މި މާތް މަތިވެރި އަރަފާތު ދުވަހުގައި ފަލަސްތީނުގެ މުސްލިމުންނަށް ހެޔޮ ދުއާކޮށްދޭން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފި އެވެ.
އަރަފާތު ބިމުގައި ހުންނަވައި ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ މިއަދު އަރަފާތު ދުވަހާއި ބައްދަލުވެފައި ވަނީ މުސްލިމް އުއްމަތަށް އުފާވެރި ދުވަސްތަކެއްގައި ނޫން ކަމަށާއި ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންގެ މަތިން ހަނދުމަކޮށް ހެޔޮ ދުއާކޮށްދޭން ޖެހޭނެ ކަމަށެވެ.
"އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސް މި ތިބީ،" ޝަހީމް ވިދާޅުވި އެވެ.
"މި ހުރިހާ ކަންކަމަކުން ވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަހުވަތްތެރިކަމާއި އޯގާވަންތަވެރިކަމާއި ރޫހާނިއްޔަތުކަމާއި ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް ކަން އަރަފާތު ދުވަހުގެ އަޅުކަމަކ.ީ"
މި އަހަރު ރާއްޖެއިން 1،000 މީހަކު ވަނީ ހައްޖުގެ އަޅުކަން އަދާކުރަން ގޮސްފަ އެވެ. އެ އެންމެން ވެސް މިހާރު ތިބީ އަރަފާތު ބިމުގަ އެވެ.