ދިވެހި ހުރިހާ އެންމެނަށް ޙައްޖު ލިބިއްޖެ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 5 ޖޫން 2025 12:34
ދިވެހި ޙައްޖުވެރިން ޢަރަފާތުގައި / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ދިވެހި ޙައްޖުވެރިން ޢަރަފާތުގައި / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޚުލާސާ

ޙައްޖުގެ އަޅުކަމަށް މިހާރު މައްކާގައި ތިބި ހުރިހާ ދިވެހިން ތިބީ ޢަރަފާތު ބިމުގައި. އެންމެންގެ ޙާލުވެސް ރަނގަޅު. އެންމެނަށް ވެސް ޙައްޖު ލިބުނީ.

ދިވެހި ޙައްޖުވެރިންނަށް ޙައްޖު ލިބި، އަރަފާތުގައި ހެޔޮ ހާލުގައި މިވަގުތު އެބަތިބި ކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ހާމަކޮށްފިއެވެ.

މިއީ އުފާވެރި ޚަބަރެކެވެ. ސަބަބަކީ އިޙްރާމުގައި ތިބި ޙައްޖުވެރީން މިމަހުގެ 9 ވަނަ ދުވަހު އަރަފާތަށް ދެވުމުން، (ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް)، ޙައްޖު ލިބޭނެތީއެވެ.

ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ އެންމެހައި ދިވެހި ޙައްޖުވެރިން އިއްޔެ މިނާގައި ތިބެފައި މިހާރު ތިބީ ހެޔޮ ހާލުގައި އަރަފާތު ބިމުގައި ކަމަށާއި މިއަދަކީ 1446 ވަނަ އަހަރުގެ ޙައްޖު ދުވަސް ކަމަށް ވުމުން، މިއަދުގެ ޕްރޮގްރާމުގައި ހިމެނެނީ މެންދުރު ނަމާދަށްފަހު އިމާމުމީހާ ޙައްޖު ޚުތުބާ ދެއްވުމާއި، މެންދުރު އަދި އަސްރު ނަމާދު ޖަމްޢުކޮށް ގަސްރުކުރުމާއި އޭގެފަހު، ޙައްޖުވެރިން އިރުއޮއްސެންދެން އަރަފާތުގެ ސަރަހައްދުގައި ތިބުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ސަޢޫދީ އަރަބިއްޔާގެ މޫސުން ލަފާކުރާ ގޮތުން، މިއަދު އެ ސަރަހައްދުގައި ވަރަށް ހޫނުގަދަވާނެ ކަމަށް ބެލެވެއެވެ. މި ސަބަބަށްޓަކައި، ސަޢޫދީ ޙައްޖު މިނިސްޓްރީން ވަނީ ޙައްޖުވެރިންނަށް ހެނދުނާއި ހަވީރު އެމީހުންނަށް ޚާއްސަކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

ޙައްޖުވެރިން މިއަދު ހޭދަކުރާނީ ދުޢާކުރުމާއި، އިސްތިޣުފާރުކުރުމާއި އަދި ޒިކުރުކުރުމުގައެވެ. އެގޮތުން، ﷲ ތަޢާލާއަށް ޚުޝޫޢަތްތެރިކަމާއެކު ކުރިމަތިލައިގެން، އަމިއްލަ ނަފުސަށާއި، އަހުލުވެރިންނަށާއި އަދި މުސްލިމު އަޚުންނަށް ހެޔޮ ދުޢާ ކުރާނެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ފުރާފައިވަނީ 1000 މީހުންނެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންގެ ދަތުރުފަތުރުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވެފައިވާކަން ޙައްޖުވެރިން ހިތްހަމަޖެހުމާއެކު ފާހަގަކުރާކަމަށް ޙައްޖު މިޝަނުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%