ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަތީމާތައް އެއްވެސް ޝަރުތަކާއި ނުލައި ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޣައްޒާގެ މައްސަލައިގައި ސަލާމަތީ މަޖިލީހުން ވޯޓަށް އެހި މިފަދަ ފުރަތަމަ ގަރާރެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން މި ގަރާރަށް ތާއީދުކުރިއެވެ.
ވޯޓަށް އެހުމަށް ހުށަހެޅި މި ގަރާރުގައި އިސްރާއީލާއި ހަމާސްއިން އެއްވެސް ޝަރުތަކާއި ނުލައި ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާއިރު، ހިފަހައްޓާފައިވާ ރަހީނުން ވެސް ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.
އިނގިރޭސިވިލާތުގެ ސަފީރު ބާބަރާ ވުޑްވާޑް ވިދާޅުވި ގޮތުވި ގޮތުގައި އެ ގައުމުން ގަރާރަށް ތާއީދުކޮށްފައިވަނީ ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް ބޭނުންވާތީއެވެ. އަދި ހަނގުރާމަ ހުއްޓާލުމަކީ ދިގު މުއްދަތުގެ ސިޔާސީ ހައްލެއް ހޯދުމަށް އެންމެ ރަނގަޅު ގޮތްކަމަށް އިނގިރޭސީ ވިލާތުން ދެކޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އދ.ގެ ހިސާބުތަކުން ދައްކާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަމަލާތަކުގައި މިހާތަނަށް 54،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ނުވަތަ ޝަހީދު ވެފައި ވެއެވެ. ނަމަވެސް ހަމާސް އިން ބުނާ ވޮތުގައި “ޝަހީދުވި” މީހުންގެ ޢަދަދު ވަނީ 70 ހާހަށް އަރާފައެވެ. އޭގެ ތެރޭގައި ނޮވެންބަރު މަހު ހަމަލާތައް ހުއްޓާލުމަށްފަހު މާޗް މަހު އަލުން ހަމަލާތައް ފެށި ފަހުން ޝަހީދުވި 4201 މީހުންވެސް ހިމެނެއެވެ.
ޣައްޒާ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑަށް ބަނޑަށްޖެހިފައިވާ އަދި އެންމެ ގިނަ ނުކުޅެދޭ މީހުން ތިބި ސިޓީއެވެ.
ޣައްޒާ ރައްޔިތުން ދިރިތިއްބާ އަލިފާނަށް ލައި ގުނަވަންތައް ބުރިކޮށް، މުޅި ޣައްޒާ ސުންނާފަތިކުރާއިރު އެމެރިކާއިން މި ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓު މީގެ ކުރިން ވެސް ވީޓޯ ކޮށްފައި ވެއެވެ.