މި އަހަރުގެ ޙައްޖު މޫސުމުގައި އަރަފާތު ދުވަހުގެ ޚުޠުބާ 35 ބަހަކަށް ތަރުޖަމާ ކުރާނެ ކަމަށް ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ ސަޢުދީ ޢަރަބިއްޔާގެ އިދާރާއިން މިއަދު އިޢުލާނު ކޮށްފިއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަސް މިލިޔަނަށްވުރެ ގިނަ މުސްލިމުންނަށް މި އަހަރުގެ ޙައްޖު ޚުޠުބާ ފޯރުކޮށްދިނުމެވެ.
މި އަހަރުގެ އަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ މަސްޖިދުލް ޙަރާމުގެ އިމާމެއް ކަމަށްވާ ޝައިޚް ޑރ ސާލިޙް ބިން ހުމައިދު ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢުއަކީ ސަޢުދީ ޢަރަބިއްޔާއިން މިހާތަނަށް ހިންގާ މި ފަދަ އެންމެ ބޮޑު ޙަރަކާތް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ދީނީ ކަންކަމާގުޅޭ ރައީސް، ޝައިޚް ޑރ އަބްދުލްރަޙްމާން އަލް-ސުދައިސްއެވެ. ޝައިޚް ވިދާޅުވީ މި މަޝްރޫޢުގެ މުހިންމު މަޤްޞަދަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި މީހުންނަށް ދަރުހުން ދޭ ފިލާވަޅު ފޯރުކޮށްދީ އަޑުއެހުންތެރިންގެ އީމާންތެރިކަން އިތުރު ކޮށްދިނުން ކަމަށެވެ.
މި ޙަރަކާތުގެ ދަށުން ޚުޠުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެ ކަމަށާއި، އިންޓަނެޓު މެދުވެރިކޮށްވެސް ތަރުޖަމާއާއެކު ޚުޠުބާ ބަލައިލެވޭނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. އަދި މީސްމީޑިޔާގެ އެކި މަންސަތަކުގައި މި ޚުޠުބާ ވަގުތުން ޙިއްޞާ ކުރަމުންދާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ޝައިޚް އަލް-ސުދައިސް ވިދާޅުވި ގޮތުގައި މި މަޝްރޫޢުއަކީ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްގެ ގޮތުގައި ކުރިއެރުވުމުގެ ބޭނުމުގައި ސަޢުދީ ޢަރަބިއްޔާގެ އިސްނެގުމުގެ މަތިން ކުރާ މުހިންމު މަސައްކަތެކެވެ. އަދި މި މަޝްރޫޢު ދައްކުވައިދެނީ އެއްބަޔަކު އަނެއްބަޔަކާއި އެކު ގުޅިގެން ދިރިއުޅުމަށާއި، ދުނިޔޭގެ ހަމަޖެހުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ އިދާރާގެ ރިޔާސަތުން ވަނީ ދަރުހުގެ މެސެޖު ފުޅާކޮށް ފޯރުކޮށްދިނުމަށް މީސްމީޑިޔާއާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ނިންމާފައެވެ.