މި އަހަރު ހައްޖަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިވެހި ހައްޖުވެރިން ގޮސްފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އެންމެ ފަހު ގްރޫޕުގެ ހައްޖުވެރިން ރޭ ވަނީ ރާއްޖެ އައިސްފައެވެ. އެއީ 255 މީހުންނެވެ.
މި އަހަރު ރާއްޖެއިން 1،000 މީހަކު ހައްޖަށް ދިޔަ އެެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިފަހަރު ހައްޖުގެ އިންތިޒާމުތަކާއި މެދު ހުރިހާ ހައްޖުވެރިން ވެސް ހިތްހަމަޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
މި އަހަރު ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގްރޫޕް މިދިޔަ ހުކުރު ދުވަހު އަނބުރާ އައިރު، ދެވަނަ ގްރޫޕް އައީ ހޮނިހިރު ދުވަހު އެވެ. އަދި ތިންވަނަ ގްރޫޕް ރާއްޖެ އައިސްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ސަރުކާރުން ވަނީ ލުއިފަސޭހަ ގިނަ އިންތިޒާމްތަކެއް ހަމަޖައްސައިދީފަ އެވެ. އެންމެ މުހިންމު ކަމަކަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޖިއްދާ އެއާޕޯޓުގެ އިންތިޒާމްތަކުގެ އިތުރުން ދަތުރުފަތުރާއި ކެއުމުގެ އިންތިޒާމްތައް ކުރިއަށް ވުރެ ފުރިހަމަކޮށް ހަމަޖައްސައި ދީފައިވެ އެވެ.