ޣައްޒާ މައްސަލަ ހައްލުކުރަން އުޅޭތީ ޢަރަބިންގެ ޝުކުރު ޓްރަމްޕަށް

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2025 09:29
އ.ދ. ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ޢަރަބިންނާއި ޓްރަމްޕާއި އެކު ބޭއްވި ބައްދަލުވުމުގެތެރެއިން. / ފޮޓޯ: އޭޕީ
އ.ދ. ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ޢަރަބިންނާއި ޓްރަމްޕާއި އެކު ބޭއްވި ބައްދަލުވުމުގެތެރެއިން. / ފޮޓޯ: އޭޕީ
ޚުލާސާ

ޓްރަމްޕް ވިދާޅުވީ ޣައްޒާ ހަނގުރާމަ މާ ދިގުވެއްޖެ ކަމަށާއި ހިއްޓުވަން ޖެހިއްޖެ ކަމަށް. އެ ކަމަށްޓަކައި އަރަބި ލީޑަރުން ޓްރަމްޕަށް ޝުކުރު އަދާކުރި.

އ.ދ. ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ޢަރަބި ޤައުމުތަކުގެ ލީޑަރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެކު، ޣައްޒާ ހަނގުރާމަ ހުއްޓައިލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވި ކަމަށްޓަކައި ޢަރަބި ލީޑަރުން ވަނީ ޓްރަމްޕަށް ޝަކުރު އަދާކުރައްވާފައެވެ. މަޝްވަރާގައި ރިޔާސަތު ބެލެހެއްޓެވީ ޓްރަމްޕާއި ތުރުކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން އާއި ދެބޭފުޅުންނެވެ.

ޢަރަބި ޖަމާއަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ވިދާޅުވީ ޢަރަބިން ބޭނުންވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލައި ރަހީނުން މިނިވަން ކުރުމަށެވެ. "އަޅުގަނޑުމެން މިތަނުގައި ތިބި ހަމައެކަނި ސަބަބަކީ ހަނގުރާމަ ހުއްޓުވައި ރަހީނުކޮށްފައިވާ އިސްރާއީލު ރައްޔިތުން އަނބުރާ ގެނައުން…"

ޢަރަބިންގެ ވާހަކަތައް އައްސަވައި ޓްރަމްޕް ވިދާޅުވީ ޤަޠަރުގެ އަމީރާއި ޢަރަބި އެހެން ޤައުމުތަކުގެ މަންދޫބުންނާއި އެކު ޔޫ.އެން.ޖީ.އޭ. ގައި ބައްދަލުކުރެއްވުމަކީ އޭނާގެ އެޖެންޑާގައި އޮތް އެންމެ މުހިއްމު ބައްދަލުވުން ކަމަށާއި، ސަބަބަކީ މެދުއިރުމަތީގެ މައްސަލަތައް ހައްލު ކުރެވޭނީ އެމެރިކާ އާއި ޢަރަބިން ގުޅިގެން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެހެން. މިއީ އެކަން ކުރެވޭނެ ގްރޫޕެއް."

މި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގެ މައްސަލަތަކުގައި ޚާއްޞަކޮށް ޣައްޒާ މައްސަލަ ޙައްލު ކުރުމުގައި މީޑިއޭޓަރުގެ ގޮތުގައި ޤަޠަރު އޮތުން ކޮންމެހެން ބޭނުން ކަމަށެވެ. އަދި ޤަޠަރާއި އެކު އޭނާ ވެސް ބައިވެރިވާން ބޭނުންވާކަން ޢަރަބި ލީޑަރުން ޤަބޫލުކުރާކަން ވެސް ފާހަގަކުރެއްވިއެވެ.

ޓްރަމްޕްގެ މި ބައްދަލުވުމުގައި ބައިވެރިވީ ޤަޠަރާއި ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މިޞްރު ގެ އިތުރުން ޖޯޑަން އާއި ތުރުކީވިލާތް އަދި އިންޑޮނޭޝިޔާ އާއި ޕާކިސްތާން ކަމަށް އިސްރާއީލްގެ ޚަބަރުތަކުން ބުނެއެވެ.

ޣައްޒާ ހަނގުރާމަ މާ ދިގުލައިގެން ގޮސްފި ކަމަށައި، ހަނގުރާމަ ހުއްޓުވަން ވަގުތު ޖެހިއްޖެ ކަމަށް ބުނެ މި މޭރުމުން ޓްރަމްޕް ވާހަކަފުޅު ދެއްކެވިއިރު، ހަނގުރާމައަށް އެންމެ ބޮޑު އެހީތެރިކަމެއް ވެސް ދެމުން އަންނަނީ އޭނާގެ ސަރުކާރުންނެވެ. އަދި ހަނގުރާމަ ހުއްޓުވުމަށް އ.ދ. އިން ޤަރާރު ނެރެން އުޅޭ ކޮންމެ ފަހަރަކު ވީޓޯ ކޮށް އެކަން ހުއްޓުވަނީ ވެސް ޓްރަމްޕްގެ ސަރުކާރުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%