ސައުދީގެ އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި

މުހައްމަދު ޖަމްޝަތު | 23 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 18:59
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނި.

ސައުދީ އަރަބިއްޔާގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ސައުދީން ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއި އެ ޔުނިވާސިޓީގެ ޑިރެކްޓަރު ޑރ. ސާލިހް ބިން ސުލައިމާން އަލް އަރަޖާއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފޮތްތަކާއި ހަވާލުވެލެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިއީ ސައުދީ އާއި ރާއްޖޭގެ އަޚްވަންތަ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށާއި މިއީ ރާއްޖޭގެ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ހިދުމަތްކުރުމަށާއި، އިލްމާއި މައުރިފާ އާލާކުރުމަށް ސައުދީން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެތް ކަމަށެވެ.

މިނިސްޓަރު ޝަހީމް ވަނީ އިމާމް މުހައްމަދު ބިން ސައުދު އިސްލާމިކް ޔުނިވާސިޓީއަށާއި، އެޔުނިވާސިޓީގެ ފަރާތުން ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްއިން ދިން މި އަގުހުރި ހަދިޔާއަށް ޝުކުރާއި ތައުރީފު ދަންނަވައިފަ އެވެ. އަދި ސައުދީ ސަރުކާރުން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ އިތުރުން ސައުދީ ސަރުކާރަށާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި އިމާމް މުހައްމަދު ބިން ސައުދު އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަންކޮށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވާސިޓީއަށް ވަނީ އަރުވާފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%